Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

އާބަން ބޮލަވާޑްގައި ރެސްޓޯރެންޓު ހަދަން ހަ ކުންފުންޏަކަށް

އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީ ކުރުމަށް ހަ ފަރާތަކާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީން މިއަދު ސޮއިކުރި ވިޔަފާރިތަކަކީ ޑައިންމޯ، ބްރަދާސް ކޭޓަރިން، ރެފްކޫލް، ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް، މިސްރާބު ޕްރައިވެޓް ލިމިޓެޑް، އަދި ޑްރީމްސް ޕްރައިވެޓް ލިމިޓަޑެވެ.

އެޗްޑީސީން ބުނީ އާބަން ބޮލަވާޑް މަޝްރޫއު ނިމިގެންދާއިރު މި ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްގީ އާ ބަދަހިވަންތަ މުޖުތަމައު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް ކަމަށެވެ. އެގޮތުން ގިނަ ގައުމުތަކުގައި ވެސް ތަރައްގީ ކުރެވިފައި ހުންނަ ބޮލެވަޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާބަން ބޮލެވަޑް ވެސް ވެގެން ދާނީ، ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށް ކަމަށާއި ދެ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް، އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަގުބޫލު ސަރަހައްދަކަށް އެ ސަރަހައްދު ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މީގެކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުން ދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާންމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އެގޮތުން ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް ފަދަ ގިނަ ވަސީލަތްތަކެއް ގާއިމު ކުރެވިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަ ޖެހި، ދުނިޔޭގެ އެކި ގައުމުތަކުން ލިބޭ ހިދުމަތްތަކާއި ވަސީލަތްތައް ދުވަހުން ދުވަހަކަށް ދަނީ އިތުރު ވަމުން ކަމަށް އެޗްޑީސީން ބުނެ އެވެ.