މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ވިލަންގެ ރޯލު ކުޅުނު ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ތަމަޅަ ފިލްމަކަށް ވެސް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެ އޭނަ ކާސްޓާއި ކްރޫއާ ގުޅުނު ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ގޭންސްޓާރް އެކްޝަން ފިލްމު "ލިއޯ" އެވެ. މީގެ ލީޑް ބަތަލަކީ އޭނަ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން 2019 ގެ "މާސްޓާ" ގެ ބަތަލު ވިޖޭ އެވެ. "ލިއޯ" ގެ ކާސްޓްގައި ޓްރިޝާ، އަރުޖުން، ޕްރިޔާ އާނަންދު، ބާބޫ އެންތަނީ އަދި ޖޯޖް މަރިއަން ފަދަ މަޝްހޫރު ތަމަޅަ ތަރިން ހިމެނެ އެވެ.
މި ފިލްމު ވާނީ ސަންޖޭ، 63، ގެ ފުރަތަމަ ތަމަޅަ ފިލްމަށެވެ.
ވަރަށް ގިނަ އެކްޓަރުން މިހާރު އެ ޑައިރެކްޓަރާ އެކީ މަސައްކަތްކުރަން ބޭނުންވާ ލޮކޭޝް އަކީ މި މަހުގެ 30 ގައި ރިލީޒްކުރާ އަޖޭ ދޭވަގަންގެ "ބޯލާ" ގެ އޮރިޖިނަލް ފިލްމު "ކައިތީ" 2019 ގައި ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.
އޭނަގެ "ލިއޯ" ގެ ކާސްޓާ ސަންޖޭ ގުޅުނު އިރު، މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 19 ގަ އެވެ.
ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ގުޑް މަހާރާޖް"، "ބާޕް" އަދި "ގުޅްޗާޅީ" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" އިންނެވެ.