އެކްޓަރަކަށް ވުރެ ބޮޑަށް މިހާރު އާންމުންގެ ތެރޭގައި މިހާރު އިންސާނިއްޔަތަށް ހިދުމަތްކުރާ މީހެއްގެ ގޮތުގައި މަޝްހޫރު އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ލީޑް ބަތަލުގެ ރޯލު ކުޅޭ ފިލްމު "ފަތޭ" ގެ ޝޫޓިން ފަށައިފި އެވެ.
މީގެ ޝޫޓިން އިއްޔެ ފެށުމަށް ފަހު، ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯނޫ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކުގައި އޭނަ ފެންނަނީ ބަތަލާ ޖެކްލިން ފެނަންޑޭޒާ އެކީގަ އެވެ. ވަތަނީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ފަތޭ" އަކީ 2021 ގެ ފަހުކޮޅު އިއުލާންކުރި ފިލްމެކެވެ. އޭރު ނިންމާފައި އޮތީ މިދިޔަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭށެވެ.
ނަމަވެސް މަސައްކަތް ފެށުން ލަސްވެ، މި އަހަރު ޝޫޓިން ފަށަން ޖެހުނު އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ. "ފަތޭ' އަކީ ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދާ އެއްޗެކެވެ. "ވަން މޭންސް ވޯ އެގެއިންސްޓް އިންއާސް ހިޑެން އެނެމީ" ޓެގް ލައިނަކަށް ހިމަނާފައިވާ "ފަތޭ" އަކީ އަބިނަންދަން ގުޕްތާ ޑައިރެކްޓްކުރާ އެއްޗެކެވެ.
ސޯނޫ އާންމުކޮށް ފިލްމުތަކުގައި ކުޅެނީ ސަޕޯޓިން ރޯލްތަކެވެ. އަދި ވަރަށް ގިނަ ފިލްމުތަކުގައި ނެގަޓިވް ރޯލުތައް ވެސް ކުޅެފައިވެ އެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ސޯނޫ، 49، އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސަމްރާޓް ޕްރިތުވީރާޖް" އެވެ.
ފިލްމު ކުޅެގެން ނުލިބޭ ވަރުގެ މަޝްހޫރުކަމަކާއި ލޯތްބެއް އާންމުންގެ ފަރާތުން ސޯނޫ އަށް ލިބެން ފެށީ ކޮވިޑްގެ ތެރޭގައި އެކި ގޮތްގޮތުން އާންމުންނަށް އެހީވާން ފެށުމުންނެވެ. އޭގެ ފަހުން އޭނަ ވެފައި ވަނީ އިންސާނިއްތަށް ހިދުމަތްކުރުމުގެ އިންޑިއާގެ ނަމޫނާއަކަށެވެ.