ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރާޓްސް (އެމްޓީޑީ)ގެ ޓިކެޓުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެކި ފަރާތްތަކުން ފާޅުކޮށްފިއެވެ.
އެމްޓީޑީން ބުނެފައިވަނީ، ގުރައިދޫ ދާއިރާއަށް ކުރިމަތިލާން ހުޅުވާލުމުން ކ. މާފުށީ 3 ޒުވާނުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ގަނޫނީ ރެކޯޑް ސާފުކޮށް ޕާޓީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.
އެމްޓީޑީން ގުރައިދޫ ދާއިރާއަށް ކުރިމަތިލާން ހުޅުވާލުމުން ކ. މާފުށީ 3 ޒުވާނުން ވަނީ ޝައުގުވެރިކަން ފާޅުކޮއްފައި،
އެމްޓީޑީން ވާނީ އެފަރާތް ތަކަށް ގަނޫނީ ރެކޯޑް ތައް ސާފުކޮށް ޕާޓީ އަށް މިއަދު ހުށަހަޅަން އަންގާފައި،
މިއީ މާފުށީ ފަހަރު- މިއީ ޒުވާނުންގެ ފަހަރު !
އެމްޓީޑީ ކުރިއަށް!
— Maldives Third-Way Democrats (@MTDSecretariat) March 12, 2023
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ ވަނީ ގުރައިދޫ މެމްބަރުކަން 14 އަހަރު ވަންދެން އަދާކުރައްވައިފަ އެވެ.
މި ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ މެންބަރު ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ. އެމްޑީޕީގެ ޓިކެޓު ޕްރައިމަރީއަކުން ކާމިޔާބު ކޮށްފައިވަނީ އިބްރާހިމް ޝާޒުއެވެ. އަދި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރަނީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލީ އާރިފްއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް 15 ގަ އެވެ.