Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އައްޑޫ ބިން ހިއްކުމަށް ހާއްސަ ވެބްސައިޓެއް

އައްޑޫގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމާ ގުޅޭ މައުލޫމާތާއި އެ މަޝްރޫއު ކުރިއަށްދާ ގޮތާ މެދު އާންމުންނަށް ހިޔާލު ފާޅުކުރެވޭ ގޮތަށް ވެބްސައިޓެއް އާންމުކޮށްފި އެވެ.

އައްޑޫ ޑިވެލޮޕްމަންޓް.އެމްވީގެ ނަމުގައި ހަދާފައިވާ މި ވެބްސައިޓްގައ ބިން ހިއްކުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކާއި އެކަމާ ގުޅޭ ފޮޓޯތަކާއި ގްރެފިކްސް ވެސް ހިމަނާފައިވެ އެވެ. އަދި އެކި މަރުހަލާތަކުގައި ބިން ހިއްކުމާ ގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ. މީގެ އިތުރުން އައްޑޫ ބިން ހިއްކުމާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާއި އެއާ ގުޅުން ހުރި ރިޕޯޓްތައް ވެސް ސައިޓްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ބިން ހިއްކާ ސަރަހައްދުތަކުގެ މުރަކަތައް އެހެން ދިމާތަކަށް ރައްކާތެރިކަމާ އެކީ ބަދަލުކުރަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ސައިޓްގައި ހިމަނާފައިވެ އެވެ.

މަޝްރޫއު ފެށުމުގެ ކުރިން ބައެއް ޖަމިއްޔާތަކާއި ބައެއް އާންމުންގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެ، މަޝްރޫއު ހުއްޓައިލަން ގޮވި، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އިންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ސަރުކާރުން ރަސްމީކޮށް ހަވާލުކުރީ މާޗް 27، 2022 ގަ އެވެ. ބިން ހިއްކުމުގެ އަމަލީ ގޮތުން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 5 ގަ އެވެ.

މިއީ ސަރުކާރުން 1.3 ބިލިއަން ރުފިޔާ ޙަރަދުކޮށްގެން އިންޑިއާގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއު ނިންމަން ނަގާނީ 18 މަސް

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މިމަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.