Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

މަދޫރީގެ މަންމަ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ މަންމަ ސްނޭހާލަތާ ޑިކްސިޓް މިއަދު މަރުވެއްޖެ އެވެ.

މުމްބާއިގައި އާއިލާގެ މީހުންގެ ގާތުގައި އުމުރުން 91 އަހަރުގައި އޭނަ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ސްނޭހާލަތާގެ ޖަނާޒާ މެންދުރު ފަހު ބާއްވަން އާއިލާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

ބޮލީވުޑްގެ އެންމެ ރީތި އަދި އެންމެ ކާމިޔާބު އަދި އެހާމެ ހުނަރު ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު މަދޫރީއާ އެކީ ސްނޭހާލަތާ އަށް ލިބިފައި ވަނީ ހަތަރު ކުދިންނެވެ. އެއީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ނަމަވެސް މަދޫރީ ފިޔަވައި އެ އާއިލާގެ އެއްވެސް މީހަކީ ފިލްމީ ދާއިރާގައި އުޅޭ މީހެއް ނޫނެވެ.

މަދޫރީގެ ބައްޕަ ޝަންކަރް ޑިކްސިޓް ވަނީ 2013 ގައި މަރުވެފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ، 55، އެކްޓިން އަށް ނުކުތީ 1984 ގެ "އަބޯދު" އިންނެވެ. ދެ ފިރިހެން ދަރިން ތިބި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަޖާ މާ" އެވެ.