Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރެވޭގޮތް ހަދައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާބެހޭ އުސޫލެއް އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، ދައުލަތުގެ އޮފީސްތަކުން ބަޖެޓްކޮށްފައިވާ ކަންތައްތަކާއި، އެ ގަވާއިދުގައި ހުއްދަކޮށްފައިވާ ޚަރަދުތައް ކުރުމަށް ކްރެޑިޓް ކާޑުގެ ބޭނުން ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި ޚިދުމަތް ހޯދުމަށް މަގުފަހިކޮށްދީ، އެ ކާޑު ބޭނުންކުރުމުގައި ދައުލަތުގެ އޮފީސްތަކުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

އުސޫލުގައި ބުނެފައިވަނީ ދައުލަތުގެ އޮފީހަކުން މާލީ މުއާމަލާތްތައް އޮންލައިންކޮށް ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ކުރެވެން ނެތް ހާލަތްތަކުގައި ބޭނުންކުރުމަށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމަކުންނެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާގޮތުން ކައުންސިލްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް ކަމަށެވެ.

ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޚަރަދުކުރެވޭނީ ދައުލަތުގެ މާލިއްޔަތު ގަވައިދު ހުއްދަކުރާ ޚަރަދުތައް އެކަނިކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ކޯޕަރޭޓް ކްރެޑިޓް ކާޑުން ކުރުމަށް ހުއްދަކޮށްފައިވާ ޚަރަދު ނޫން އެހެން ޚަރަދެއް ކުރަން ޖެހިއްޖެ ނަމަ އެ ކަމަކަށް ޚަރަދުކުރުމުގެ ކުރިން، އެ ކަމެއްގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އެ ޚަރަދެއް ކުރުމަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންޖެހެއެވެ.