Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކޮމިއުނިޓީ ފަންޑުން 3 ޕްރޮޖެކްޓެއް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ތިން ރަށެއްގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓްތައް ނިންމާލައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަތަނެއް ވަނީ ގާއިމްކޮށްފައެވެ. މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެކެވެ. މިތަން ފަރުމާކޮށްފައިވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯރޓްސް އެސޯސިއޭޝަން އިން ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ލ. މުންޑޫގައިވަނީ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއްވެސް ގާއިމްކޮށްފައެވެ. މިތަނުގައިވަނީ ހަޓެއް ހަދައި ލަކުޑި ބެންޗްތައް ބަހައްޓާފައެވެ. ބީއެމްއެލްއިން ބުނެފައިވަނީ މި ޕްރޮޖެކްޓް ހިންގާފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންކަމަށެވެ.

ކޮމިއުނިޓީ ފަންޑްގެ ދަށުން ލ. ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުންވަނީ ޓީވީ ބަހައްޓާފައެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.