ހަތަރު ރަށެއްގެ ޕްރޮޖެކްޓްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އަށް ހަވާލު ކޮށްފިއެވެ.
އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ކ. ހިންމަފުށި ގިރާ ސަރަޙައްދަ ހިމާޔަތް ކުރުމުގެ މަސައްކަތާއި، އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން މަސައްކަތެވެ.
ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 79 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ބަނދަރުގެ އުތުރުން ބަދަރު ބޮޑުކުރުން، ބަނދަރު ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ޖެހުން، ބަނދަރު ބޮޑުކުރާ ބައިގެ 200 މީޓަރު ބޮޑުހިލަ ބޭރުތޮށިލުން، ބެކްފިލް ކުރާބައިގެ 130 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓްޖެހުން، 246 މީޓަރުގެ ބޮޑުހިލަ ގްރޮއިން، 249 މީޓަރުގެ ކީވޯލް، 86 މީޓަރުގެ ޖެޓީ ހިމެނެއެވެ.
ކ. ހިންމަފުށި ގިރާ ސަރަޙައްދަ ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 11.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތުން ގިރަމުންދާ ސަރަޙައްދުގައި 160 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓްޖެހުން، 53 މީޓަރުގެ ބޮޑުހިލަ ގްރޮއިން އަދި 127 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުން ހިމެނެއެވެ.
އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 24.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން މަތިވެރިގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓްޖެހުމާއި، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ވައިގްރޮއިން، އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، 70 މީޓަރުގެ ވައިގްރޮއިން އަދި އިރުމަތީފަރާތް 5 މީޓަރު ފުޅާމިނަށް ގޮނޑުދޮށް ވެލިއެޅުން ހިމެނެއެވެ.
މީގެއިތުރުން ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން މަސައްކަތް އެމްޓީސީސީއަށް ދީފައިވަނީ 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 13 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ބަނދަރުގައި ޤާއިމްކޮށްފައިވާ ލަކުޑި 7 ޖެޓީއެއް އިތުރު 4 މީޓަރަށް ދިގުކުރުމާއި ޖެޓީތައް ދެމެދު ލަކުޑި ޕްލެޓްފޯމް ޤާއިމް ކުރުމާއި ސެޕަރޭޝަން ވޯލްގެ ބައެއް ވަރުގަދަކުރުމާއި މިހާރު ޤާއިމްކޮށްފައިވާ ފްލޯޓިންގ ޕްލެޓްފޯމްތަކުގެ ޕައިލްތައް 0.75 މީޓަރަށް ދިގުކުރުން ހިމެނެއެވެ.
މި މަޝްރޫއުތައް އެމްޓީސީސީއަށް ހަވާލު ކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.