Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ސައޫދީން އާ އެއާލައިނެއް އުފައްދަނީ

ސައުދީ އަރަބިއްޔާ އިން ގައުމީ އިތުރު އެއާލައިނެއް އުފައްދަން ނިންމައިފި އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ މި އެއާލައިނަށް ކިޔާނީ "ރިޔާދު އެއާލައިން" ކަމަށެވެ. މި އެއާލައިނުން އެންމެ ފުރަތަމަ އިސްކަން ދޭނީ އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާ ބައްރާއި ސައުދީއާ ދެމެދު ދަތުރުފަތުރުގެ ވިއުގަ ފުޅާކުރަން ކަމަށް ޕީއައިއެފް އިން ބުނެފައިވެ އެވެ. ނަމަވެސް މި އެއާލައިން އޮޕަރޭޓް ކުރަން ފަށާނެ އިރެއް ހާމަކޮށްފައެއް ނުވެ އެވެ.

މި އެއާލައިނާއެކު ތެލުގެ ވިޔަފާރި ނޫން އެހެން ގޮތްގޮތުން ސައުދީ އަށް ލިބޭ އާމްދަނީ 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އަދި 200،000 ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި އެއާލައިނުގެ އަމާޒަކީ 2030 ގެ ނިޔަލަށް ދުނިޔޭގެ 100 ގައުމަކަށް ދަތުރު ފެށުން ކަމަށް ޕީއައިއެފް އިން ހާމަކުރެ އެވެ.

އާ އެއާލައިނެއް އުފެއްދުމަކީ ސައޫދީން އިއުލާން ކޮށްފައިވާ، "ސައޫދީ ތަސައްވުރު 2030" ގެ ދަށުން ކުރާ ކަމެކެވެ.

ސައުދީން އާ އެއާލައިނެއް އުފެއްދުމުގެ ޕްރޮޖެކްޓެއް އިއުލާންކޮށްފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ފެންވަރުގެ ބޮޑު އެއާޕޯޓެއް އެޅުމުގެ ޕްރޮޖެކްޓެއް ސައުދީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކޮށްފަ އެވެ. ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި ތަރައްގީ ކުރާ މި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ ސައުދީގެ ވެރިރަށް ރިޔާދުގަ އެވެ.