މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އިން ސަންޖޭ ދަތު ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން އޭނަ ފެންނާނީ އޭގެ ހާއްސަ ފެނިލުމަކުން ކަމަށާއި މުމްބާއީގައި ވަރަށް އަވަހަށް ސަންޖޭ ފިލްމަށް ޝޫޓް ވެސް ކުރާނެ ކަމަށެވެ. މީޑިއާތަކުން ބުނީ "ޖަވާން" އަށް ސަންޖޭ އަށް ފުރުސަތު ދިނީ، އޭގެ ކެމިއޯއަކަށް "ޕުޝްޕާ" ގެ އެކްޓަރު އައްލޫ އަރުޖުން އަށް ބޮޑު އަގަކާ އެކީ ހުށަހެޅި ނަމަވެސް އޭނަ އެކަމަށް އެއްބަސްނުވުމުން ކަމަށެވެ.
ނަމަވެސް "ޖަވާން" ގެ ކާސްޓަށް ސަންޖޭ އިތުރުވުމާ ގުޅޭ ގޮތުން ފިލްމުގެ ޓީމުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މި ފިލްމަކީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ އެކްޝަން ތުރިލާއެކެވެ. ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ ފިލްމުން ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެއް ފެންނާނެ އެވެ. އެގޮތުން "ޖަވާން" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ގްރޯވާ، ސާނިއާ މަލްއުތުރާ، ވިޖޭ ސެތުޕަތީ، ޕްރިޔަމަނީ، އާސްތާ އަގަރްލާވް، ރިދީ ޑޮގްރާ އަދި ޔޯގީ ބާބޫ ހިމެނެ އެވެ.
މީގެ އިތުރުން ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ބަތަލާ ދީޕިކާގެ ވަރަށް ހާއްސަ ފެނިލުމެއް ވެސް "ޖަވާން" ގައި ހިމެނޭނެ އެވެ. މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ޖޫން 2 ގަ އެވެ.