އަލަށް ހަދައި، ރަސްމީކޮށް ހުޅުވަން ތައްޔާރީތައް ވަމުން އަންނަ ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މިއަދު ފުރަތަމަ ޓެސްޓް ފްލައިޓް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެ ދަތުރު ބާއްވަން ހަމަޖެހިފައި ވަނީ މެންދުރު ފަހު 3:45 ގަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގއި ފަރެސްމާތޮޑާ އެއާޕޯޓްގައި ކުރަން ހުރި މައިގަނޑު ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކުދިކުދި ބައެއް މަސައްކަތްތަކެވެ. އަދި އެ އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރަންވޭގައި ލައިޓް ހަރުކޮށް އެކަން ވެސް ޓެސްޓްކޮށްފައިވެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގަ އެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.