އަލަށް ބޭނުން ކުރަން ތައްޔާރުވަމިން އަންނަ ޑިޖިޓަލް އައިޑީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާން ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެ ފުރުސަތު ނެތީ ގާނޫނުއަސާސީ ވެސް އޮތް ގޮތުން ޑިޖިޓަލް އައިޑީ، ވޯޓްލާން ބޭނުން ކުރުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އެހެންވެ ގާނޫނަށް އެ ބަދަލު ގެނައުމުގެ ވިސްނުމެއް ވެސް އީސީގެ ނެތް ކަމަށް އޭނަ ވިދާޅުވި އެވެ.
ޑިޖިޓަލް އައިޑީ މިހާރު އަންނަނީ ޓެސްޓްކުރަމުންނެވެ.
ހަބީބު ވިދާޅުވި ގޮތުގައި ޖިޓަލް އައިޑީ ފޯނުގައި އޮންނަ އިރު، ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުމަކީ ވެސް މަނާ ކަމެކެވެ. އެހެންވެ، ގާނޫނަށް ބަދަލު ނުގެންނަނީސް ވޯޓުލާން ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށް އޭނަ ވިދާޅުވި އެވެ. އަދި ޑިޖިޓަލް އައިޑީ އަކީ ރާއްޖެ އަށް އަލަށް ތައާރަފުކުރާ ކަމަކަށްވާތީ އެކަމަށް ހޭލުންތެރިކަން އުފައްދަން ވެސް ވެސް ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ މި ފަހަރުގެ އިންތިޚާބުގައި އާ ކަމެއް ކުރަން ބޭނުން ނުވާ ކަމަށާއި އެ ފަދަ ކަމެއް ކުރާއިރު ވަރަށް ގިނަ ވަގުތު ބޭނުން ވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިސްވެ، ގާނޫނަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އަޅުގަނޑުމެން ގާނޫނުގައި އޮންނަ ގޮތަކަށް ކުރިއަށް ގެންދާނަން."
ވޯޓްލާން އައިޑީގެ އިތުރުން ޕާސްޕޯޓާއި ލައިސެންސް ކާޑު ފަދަ ރަސްމީ ލިޔެކިޔުންތައް ބޭނުން ކުރެވެ އެވެ. ރާއްޖޭގައި މިހާރު ވަނީ ޑިޖިޓަލް ލައިސެންސް ވެސް ތައާރަފުކޮށްފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.