ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފަސް އަހަރު ހަމަވާން ދާއިރުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާތީ އެ މަސައްކަތް ހަލުވިކަމާއެކުކޮށް ނިންމައިދިނުމަށް އެދި ސަރުކާރަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މި ގަރާރުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ނުކުތްއިރު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީން ވެފައިވާ ވައުދެއް ކަމަށެވެ.
މިހިނގާ މަޖިލީހަށް އެތަކެއް ގަރާރުތަކަކާއި މައްސަލަތަކެއް ހުށަހަޅައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް މެންބަރުން އެދެމުންދާކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ ވަރަށް ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށް ދެކޭކަމަށެވެ. އަދި ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހައިތަނަށްވެސް ކޮށްފައިނުވާ ކަމަށެވެ.
"… ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން މާލޭގެ އެކިއެކި ގޭގެއަށް ވަޑައިގެން ވަކި އުސޫލެއް ހަމައެއްނެތި ގޯއްޗާއި ފްލެޓްދޭނެކަމަށް ވިދާޅުވެ ވޯޓު ހޯދުމުގެ ނިޔަތުގައި އޮޅުލަމުން ގެންދާ ހިނދު …" ގަރާރުގައި ބުނެފައިވެއެވެ.
މީގެއިތުރުން އަލީ އާޒިމްގެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުގެ "ގެދޮރުވެރިން ޕްރޮގްރާމް"ގެ ދަށުން ހިންގާ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާ ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ "ގެދޮރުވެރިންގެ ކޮމިޓީ"އިން ކުރަމުން ގެންދާ މަސައްކަތަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އިތުުބާރު ހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށް ވާންޖެހޭ ކަމަށެވެ.
ގަރާރުގައި ބުނެފައިވަނި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތް އިތުރަށް ދިގުދައްމައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.