Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"އާރްއާރްއާރް" އޮސްކާ ވެސް ހޯދައިފި

މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދި އިންޑިއާގެ ފިލްމު "އާރްއާރްއާރް" 95 ވަނަ އޮސްކާ އެވޯޑްސްގައު ވެސް އެ ކެޓަގަރީން އެވޯޑް ހޯދައިފި އެވެ.

މި ކާމިޔާބީއާ އެކީ "އާރްއާރްއާރް" ގެ ލަވަ "ނާތު ނާތު" ވެފައި އޮސްކާއެއް ލިބުނު އިންޑިއާގެ ފުރަތަމަ ފިލްމަށެވެ.

އެންމެ މޮޅު އޮރޮޖިނަލް ލަވަ އަށް ދެން ވާދަކުރި ލަވަތަކަކީ "ޓެލް އިޓް ލައިކް އަ ވުމަން" ގެ "އެޕްލޯސް" އާއި ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން: މެވެރިކް" އަށް ލޭޑީ ގާގާ އާއި ބްލަޑް ޕޮޕް ކިޔާފައިވާ "ހޯލްޑް މައި ހޭންޑް" އާއި "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" އަށް ރިއާނާ ކިޔާފައިވާ "ލިފްޓް މި އަޕް" ގެ އިތުރުން "އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް" ގެ "ދިސް އިޒް އަ ލައިފް" އެވެ.

އޮސްކާގައި "އާރްއާރްއާރް" އިން އެވޯޑް އުފުލާ އިރު، ފިލްމުގެ މައިގަނޑު ޓީމު އެމެރިކާގެ ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި މިއަދު އޮތް އެވޯޑް ހަފުލާގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ހިމެނެ އެވެ.

އެވޯޑާ ހަވާލުވެ، "ނާތު ނާތު" ގެ ލަވައިގެ މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ ބުއީ މިއީ އިންޑިއާ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

މިދިޔަ އަހަރު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" އަކީ ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް އެކި ކެޓަގަރީން މިހާތަނަށް ހޯދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ބޭރު ދުނިޔެ އަށް ސާބިތުކޮށް ދިން "ބާހްބަލީ" ގެ ދެ ފިލްމު ވެސް ޑައިރެކްޓްކުރި އެސްއެސް ރާޖަމޯލީގެ ފިލްމެކެވެ.