Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މިހާރު ހުށަހަޅަނީ މަކަރާއި ހީލަތުގެ އިސްލާހުތަކެއް

މެންބަރު އަހުމަދު އާމިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިހާބުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅަނީ މަކަރާ ހީލަތުގެ އިސްލާހުތަކެއް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒުއެވެ.

އާމިރު ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހެޔޮނިޔަތް އޮވެގެން ހުށަހަޅާފައިވަނީ މަދު އިސްލާހެއް ކަމަށެވެ. އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ މީޑީއާތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ އެ އިސްލާހަކީ ވަރަށް ބޮޑު މަކަރާއި ހީލަތުގެ ތެރެއިން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

އެ ގާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.

މިކަން ހަރުކަށި ކޮށްފައި އޮތުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ޤާނޫނުގައި ކުރިން އޮތްގޮތަށް އޮވެގެން ދިމާވި މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް އަދި އެއްވެސް ކެނޑިޑޭޓަކަށް ފާހަގަކޮށްދެވިފައިނުވާ ކަމަށެވެ. އިންތިހާބުތައް މޮނީޓާކުރުން ވިހާވެސް ފުޅާ ދާއިރާއެއްގައި އޮއްވައި އެކަން ހަނިކުރުމަށް ކުރާ މަސައްކަތަކީ ނުބައި ނިޔަތެއްގައި ކުރާ ކަމެއްކަމަށް ވިދާޅުވިއެވެ.

"ކުރިންއޮތްގޮތް ބަދަލުކޮށް، މިގޮތަށް މި ފާސްކޮށްފިނަމަ ދިވެހިރާއްޖޭގައި މިނިވަންކަމާއެކު އިންތިހާބެއް ނުބޭއްވޭނެކަން ހަމަ ޔަގީންކަމާއެކު ދަންނަވަން." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުގައި ވާދަކުރައްވާއިރު އަމަލުކުރެވޭނެ ޤާނޫނީ މިންގަނޑުތަކެއް އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގައި ހިމަނަންޖެހޭ ކަމަށެވެ.

އިންތިހާބުތަކުގައި މިހާރު ވަރަށް ބޮޑަށް ނުފޫޒު ބޭނުންކުރާ ކަމަށާއި ރިޔާސީ އިންތިހާބެއްގެ ޓިކެޓު ހޯދުމަށް ބޭއްވި ޕްރައިމަރީއެއްގައިވެސް އެކަން ކޮށްފައިވާކަމަށް އާމިރު ވިދާޅުވިއެވެ.

އިންތިހާބާ ގުޅޭގޮތުން މިހާރު މަޖިލީހަށް ހުށަހަޅަނީ މަކަރާ ހީލަތުގެ ބިލުތަކެއްކަމަށާއި އެގޮތަށްކަން ކުރަނީ ކުރިއަށްއޮތް އިންތިހާބު މަކަރާ ހީލަތުން ކާމިޔާބު ކުރުމަށް ކަމަށް އާމިރު ވިދާޅުވިއެވެ.