Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ޒަކާތު ނަފާ އަށް ފެޝަން ޑިޒައިނަރަކު ހޯދަނީ

އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ތައާރަފުކުރި "ޒަކާތު ނަފާ" ޕްރޮގްރާމްގެ ތެރެއިން ފެހުމުގެ މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ޑިޒައިންތައް ތައްޔާރުކޮށް ދޭނެ ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާންކޮށްފި އެެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ ފެޝަން ޑިޒައިނަރަކު ބޭނުން ވަނީ އެ އަހަރުގެ މުއްދަތަށް ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފެޝަން ޑިޒައިނަރުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 22 ގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެޕްލައި ކުރާނީ މި ލިންކް މެދުވެރިކޮށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3330587 ނަމްބަރުން ހޯދޭނެ އެވެ.

"ޒަކާތު ނަފާ" ޕްރާގްރާމަކީ ނިކަމެތި އާއިލާތަކަށް އެހީތެރިވެ، އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތްތައް ހޯދައި ދިނުމަށް ފެށި ޕްރޮގްރާމެކެވެ. އަދި މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލަން މަސައްކަތްކުރުމެވެ. "ޒަކާތު ނަފާ" ޕްރޮގްރާމް ކުރިއަށް ގެންދަނީ 2021 ވަނަ އަހަރުގެ ފަގީރުގެ ދަފުރަތުގައި ތިބި މީހުންގެ މެދުގަ އެވެ.

އެގޮތުން މީގެ ތެރެއިން ފުރަތަމަ އެހީ ދީފައި ވަނީ ހދ. ނޮޅިވަރަމްގެ ދަނޑުވެރި އާއިލާއަކަށެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމްގައި އެހީދޭ ކޮންމެ ގޭބިސީއަކަށް 150،000ރ. އާ ހަމައަށް މާލީ އެހީ ދެވޭނެ އެވެ. އަދި އެހީ ދޫކުރާނީ މުޅިން ހިލޭ އެހީގެ ގޮތުގަ އެެވެ.

މި ޕްރޮގްރާމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.