Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކުމުންދޫ ނެރު ބަދަލުކުރުން ކުރިއަށް

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތާއި، ރިވެޓްމެންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 9,346 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,954 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 242 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއަކީ 33.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.