އިންސާފުވެރި އިންތިހާބެއް ބާއްވަން ސަރުކާރުން މަސައްކަތް ނުކުރާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިހްލާސްތެރި ނިޔަތެއްގައި އިންތިހާބު ބާއްވާ ވާހަކަ ސަރުކާރުން ދައްކާނަމަ، އިދިކޮޅު ކެނޑިޑޭޓަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ.
"ހަމަ މިވަގުތުން މިވަގުތަށް ރައީސް ޔާމީން މިނިވަންކުރުމަށް އަޅުގަނޑު ގޮވާލަން." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުން އިންސާފުވެރި އިންތިހާބެއް ބާއްވަން އުޅޭތަން ނުފެންނަކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އަދުލުވެރި އިންސާފުވެރި އިންތިހާބެއް ބާއްވަން މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި ފެންނަނީ އިދިކޮޅު ލީޑަރު އެއްފަރާތްކޮށްލުމަށް މަސައްކަތްކުރާތަން ކަމަށެވެ. އަދި ފެންނަނީ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާތަން ކަމަށާއި ސަރުކާރުން ކޯލިޝަން ހަދަން މަސައްކަތްކުރަމުން އަންނަ ގޮތުން އެއްވެސް ވިސްނުމެއް ނެތްކަން ހާމަވާކަމަށެވެ.
މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ކުންފުނިތައް ބަނގުރޫޓޫވާ ވަރަށް ވަޒީފާތައް ދެމުން އަންނަ ކަމަށާއި މިކަންކަމަކީ އެއްވެސްކަހަލަ ބިނާކުރަނިވި އުފެއްދުންތެރި ނަތިޖާއެއް ނެރެވޭގޮތަށް ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުންވެސް ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވާކަމަށް ވިދާޅުވިއެވެ.