Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ރައީސް ސޯލިހް އެންމެނަށް ދިނީ "ދޯކާ"

މެންބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެނަށް ދިނީ "ދޯކާ" ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަހުމަދު ޝިޔާމް ވިދާޅުވީ މީޑީއާތަކާ ގުޅޭގޮތުން ޤާނޫނުގައި ހުށަހަޅާފައިވާ އިސްލާހަކީ ނުފޫޒު ފޯރުވުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ނޫސްވެރިންނަށް އިންތިހާއަށް ނުފޫޒުފޯރުވުމަށް ސަރުކާރުން މަސައްކަތްކުރާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ފެންނަނީ މުޅި ނިޒާމުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތްތަންކަމަށެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަށް މިހާބޮޑަށް ނުފޫޒު ފޯރުވާ ވެރިއެއް ނުދެކޭކަމަށާއި، ސަރުކާރުން އިންތިހާބުތަކަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ވަޒީފާ ދީގެންނާއި ޕްރޮޖެކްޓްތައް ދީގެން ނުފޫޒު ފޯރުވާކަމަށެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ރައީސް ސޯލިހް އެންމެނަށް ދޯކާ ދީފައިވާކަމަށެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ކޯލީޝަން ލީޑަރުންނަށްވެސް ދޯކާ ދީފައިވާކަމަށެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއިން ރައީސް ސޯލިހްއާއެކު މިފަހަރު ކޯލިޝަން ހަދަން ނޫޅެނީ ދޯކާ ދިނުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކުރީގެ ނައިބުރައީސް އަހުމަދު އަދީބަށްވެސް ރައިސް ސޯލިހް ދޯކާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ. މިކަން ހަރުކަށި ކުރުމަށް އިސްލާހު ހުށަހަޅާފައި އޮތުމުން ގިނަ މެންބަރުން ވަނީ މި އިސްލާހަށް ފާޑުކިޔާފައެވެ.