ކާމިޔާބު ފިލްމުތަކެއްގައި އެކީގައި މަސައްކަތްކުރި ސަލްމާން ޚާނާއި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމަކީ "ޕްރޭމް ކީ ޝާދީ" ކަމަށާއި އެ ފިލްމު އަންނަ އަހަރުގެ ފަހުކޮޅު ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކަމަކު ސޫރަޖްގެ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ އަހަރު އޭނަ ގެނެސްދިން "އޫޗާއީ" އަށް ފަހު، ދެން ފިލްމެއް ހަދާނީ ސަލްމާނާ އެކީގައި ކަމަށް ބުނެފައިވެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ސަލްމާނާއި ސޫރަޖް "ޕްރޭމް ކީ ޝާދީ" އަށް މަޝްވަރާކުރާތާ ދުވަސްތަކެއްވެއްޖެ ކަމަށާއި މިހާރު ޕްލޭންކޮށްފައި އޮތީ މި އަަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ފިލްމުގެ ޝޫޓިން ފަށާށެވެ. އަދި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
"ޕްރޭމް ކީ ޝާދީ" ވާނީ ސޫރަޖާއި ސަލްމާން އެކީގައި މަސައްކަތްކުރާ ފަސް ވަނަ ފިލްމަށެވެ. އެ ދެ މީހުން އެކީގައި އެންމެ ފަހުން ގެނެސްދިނީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. ސަލްމާނާއި ސޫރަޖްގެ ފުރަތަމަ ފިލްމަކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ. އޭގެ ފަހުން 1994 ގެ "ހަމް އާޕް ކޭ ހޭ ކޯން" އާއި 1999 ގެ "ހަމް ސާތު ސާތު ހޭ" ގައި ވެސް އެ ދެމީހުން އެކީގައި މަސައްކަތްކުރި އެވެ. މި ހުރިހާ ފިލްމުތަކެއްގައި ވެސް ސަލްމާން ކުޅެފައި ވަނީ ޕްރޭމް ކިޔާ ކެރެކްޓާތަކެވެ.

ސޫރަޖަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ޑައިރެކްޓަރެކެވެ.
އޭނަ މިދިޔަ އަހަރު ގެނެސްދިން "އޫޗާއީ" ކުޅުނީ އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރާއި ނީނާ ގުޕްތާ އާއި ބޮމަން އިރާނީ އާއި ސާރިކާ އާއި ޑެނީ ޑެންޒޯންގްޕާ އާއި ނަފީސާ އަލީގެ އިތުރުން ޕަރިނީތީ ޗޯޕްޅާ އެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ފިތުރު އީދަށް އޮތް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އެވެ. އަދި ނޮވެމްބަރުގައި އޭނަގެ "ޓައިގާ 3" ވެސް ރިލީޒްކުރާނެ އެވެ.