ޕީޕީއެމުން އިންސާފާއި ކޮރަޕްޝަންގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރާއްޖޭގެ އިންތިހާބުތައް ބޭއްވެނީ އިންސާފުވެރިކަމާ އެކު ކަމަށެވެ.
އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިދިޔަ އިންތިހާބުގައި ވޯޓު ކަރުދާހުގައި ޖެހި ފާހަގައެއްވެސް ވެއްޓުނު ކަމަށް ބަޔަކު ދެއްކި ވާހަކަ އަޑުއެހި ކަމަށާއި، އިންސާނީ ބުއްދިއަށް ގަބޫލުނުކުރެވޭ ވަރުގެ ވާހަކަ ދައްކައިގެންވެސް ފިތުނަ އުފައްދަން މަސައްކަތް ކޮށްފައި އެބަހުރި ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން މަޖިލީހުގެ އިދިކޮޅު މެންބަރުން ގޮވާލާކަން ފާހަގަކުރައްވާ އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވާ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހަޅާ އެގޮތަށް ފާސްކުރުމުން ރައީސް ޔާމީންވެސް މިނިވަންވާނެ ކަމަށެވެ. ރައީސް ޔާމީން ދޫކުރެވޭނެ އެއަށްވުރެއް ވަކި ފަސޭހަގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ ބޭފުޅުން އިންތިހާބާ، އިންސާފާ، ހަމައާ، ވައްކަމާ، ކޮރަޕްޝަންގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ." އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
ވެރިކަމުގައި ތިބިއިރު މުޅި ގައުމު ފަސާދަ ކުރުމަށްފަހު މިއަދު ޕީޕީއެމަށް ނިސްބަތްވާ ބޭފުޅުން އިންސާފާ ހަމަހަމަކަމުގެ ވާހަކަ ދެއްކިނަމަވެސް އެ ވެރިކަމުގައި ކަންކުރިގޮތް ރައްޔިތުން ހަނދާނުން ނުފިލާކަމަށް ވެސް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.