ދެ ވެބް ސީރީޒް ގެނެސްދިނުމަށް ފަހު، ޒުވާން ޑައިރެކްޓަރު އަަޒްހާން އިބްރާހީމް "މީ އިޝްގު" ގެ ނަމުގައި ފީޗާ ފިލްމެއް ލޯންޗްކޮށްފި އެވެ.
އެސްއެމްއީ ހަބްގައި ރޭ ބޭއްވި ހަފުލާއެއްގައި ފިލްމު ރަސްމީކޮށް ލޯންޗްކޮށް، ލީޑް ތަރިންނާ އެކީ ސޮއިކުރުމުގެ އިތުރަށް، ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކައިލި އެވެ. އަޒްހާން ލިޔެ، ޑައިރެކްޓްކުރާ "މީ އިޝްގު" ގެ ބަތަލަކީ އޭނަގެ ދެވަނަ ސީރީޒް އަދި މިހާރު ބައިސްކޯފުން ސްޓްރީމްކުރަމުން އަންނަ "މިރާއީ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި "ބީވީމާ" ގެ އެއް ބަތަލާ ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އެވެ.
ފާހަގަކޮށްލެވޭ ކަމަކީ އާޝާ އާއި ޝަރަފަކީ ޑާކް އެންޓައިންމަންޓުން މި މަހު މީޑިއާ ނެޓް މެދުވެރިކޮށް ސްޓްރީމިން އަށް ދޫކޮށްލި ފިލްމު "ހިނދުކޮޅެއް" ގެ ވެސް ތަރިންކަމެވެ.
އަަޒްހާން ބުނި ގޮތުގައި "މީ އިޝްގު" އަކީ ތަފާތު ކަންތައްތަކެއް ފެނިގެންދާނެ އަދި އާއިލާތަކަށް އެކީގައި ބަލާލެވޭ ކަހަލަ ވަރަށް ރީތި ލޯބީގެ ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ލީނާޒް ހުސައިނެވެ. ފިލްމުގެ މިޔުޒިކް ހަދަނީ ޝަހީދު ލެގަސީ އެވެ.
މާލެ އާއި މާފުށީގައި ޝޫޓްކުރާ "މީ އިޝްގު" ގެ ޝޫޓިން ޖުލައިގެ ކުރިން ނިންމަން ތާވަލުކޮށްފައިވާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި ނުނިންމަ އެވެ.