Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ވެހިކަލްތަކެއްގެ ވަގު ރަޖިސްޓްރީ މައްސަލަ ބަލަނީ

ސައްހަ ނޫން ލިޔެކިއުންތަކެއް ބޭނުންކޮށްގެން ނަކަލުކޮށްފައިިވާ ކަމަށް ބެލެވޭ އެއްގަމު ވެހިކަލްތަކެއްގެ ރަޖިސްޓްރީތަކެއްގެ މައްސަލަ ބަލަން ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފި އެވެ.

މިނިސްޓްރީން އާދީއްތަ ކުރި އިއުލާނެއްގައި އެފަދަ 50 އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ވެސް ހިމަނާފަ އެވެ. ޓްރާންސްޕޯޓުން ބުނީ އެ ރަޖިސްޓްރީތަކަކީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދާ ހިލާފަށް، ސައްހަ ނޫން ލިޔެކިއުންތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ އެ ވެހިކަލްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާތީ، މިނިސްޓްރީން ވަނީ ރަޖިސްޓްރީގެ އަސްލުކަމަށް ވެރިފަރާތަށް ލިބިފައިވާ ލިޔެކިއުންތަކާ އެކު އުޅަނދުގެ ވެރިފަރާތުން އެ މިނިސްޓްރީ އަށް ހާޒިރުވުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ބައެއް އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ގެޒެޓްގައި އިއުލާން ކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން މިހާތަނަށް ޖުމްލަ 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ވެސް ހިމެނެ އެވެ