Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"ސިންގަމް އެގެއިން" 2024 ގެ ނޮވެމްބަރަށް

އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ "ސިންގަމް" ސީރީޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" އަންނަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު ތާވަލުކޮށްފައި އޮތީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރޭގައި ރިލީޒްކުރަން ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ޚާނާ އެކީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ހަދަން ނިންމާފައިވާ "ޕްރޭމް ކީ ޝާދީ" އާއި ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3" ވެސް އަންނަ އަހަރުގެ ދިވާލީގެ ގެނެސްދޭން ޕްލޭންކޮށްފައިވެ އެވެ.

"ސިންގަމް އެގެއިން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި ފިލްމުގައި އަޖޭއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ދީޕިކާ ޕަދްކޯނެވެ. އަދި މިއީ މި ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ސިންގަމް" ގޮތަށް ރޯހިތުގެ ކޮޕް ޔުނިވާސްގެ އަނެއް ބަތަލަކީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްކަމެވެ. އޭނައާ އެކީ ރޯހިތު ގެނެސްދިން ކޮޕް ޔުނިވާސްގެ ފިލްމަކީ 2018 ގެ "ސިމްބާ" އެވެ.

މިދިޔަ އަހަރު ރޯހިތު ގެނެސްދިން ކޮމެޑީ ފިލްމު "ސާކަސް" ގެ ބަތަލަކީ ވެސް ރަންވީރެވެ.

އަޖޭއާ އެކީ "ސިންގަމް އެގެއިން" ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގަ އެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

އަޖޭ މިހާރު އަންނަނީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" މި މަހުގެ 30 ގައި ރިލީޒްކުރަން ތައްޔާރުވަމުންނެވެ.