Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ މަޖިލީހަށް

މެންބަރު އިމްތިޔާޒް ފަހުމީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

މި ގަރާރު ހުށަހެޅި ސަބަބެއްގެ ގޮތުން ގަރާރުގައި ބުނެފައިވަނީ, އިންތިހާބުތަކަށް ސަރުކާރުން ނާޖައިޒު ނުފޫޒާއި ބާރުފޯރުވަމުންދާދިއުމާމެދު އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމިއްޔާތަކުން އާންމުކޮށް މިހާތަނަށް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިތުބާރުކުރުވަނިވި ހައްލެއް ހޯދައިދީފައި ނުވާކަމަށެވެ. އަދި އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާއެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލުމުގެ ގޮތުން ގަރާރު ހުށަހަޅާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ އިންތިހާބުތައް އިންސާފުވެރިކޮށް މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން އެކަން ތަންފީޒު ކުރަމުން ނުދާކަމަށެވެ. އަދި އެކަމުގައި ސާފު ސިޔާސަތެއް ގެންގުޅޭކަންވެސް އެންގެން ނެތް ކަމަށާއި, މިސަރުކާރުންވެސް އިންތިހާބުތަކަށް ނުފޫޒުފޯރުވުމުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތު ބޮޑުވެފައިވާކަމަށެވެ.

އެގޮތުން ކެމްޕޭން ދަތުރުތައް ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައިގެން ކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭނުގެ ހަރަކާތްތައް ހިންގާކަމަށާއި އަދި ސިޔާސީ މަގާމުތައް ހުށަހަޅައި ނުފޫޒު ފޯރުވާކަމަށެވެ.

އިމްތިޔާޒްގެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުން އިންތިހާބުތަކަށް ނާޖައިޒު ނުފުޒާއި ބާރުފޯރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކުން އިންތިހާބުތަކުގެ ސައްހަކަން ގެއްލި އިތުބާރު ކުޑަވެގެންދާ ކަމަށެވެ. މީގެއިތުރުން މި ކަންކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުންލިބޭ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.