ބިންތަކެއްގެ މައްސަލައިގައި ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް އަދި ނައިބު ރައީސަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފައިވަނީ އިއުލާން ނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މިމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސަރާހްގެ މައްޗަށެވެ.
ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް އާއި ކުރީގެ ނާއިބު ރައީސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.
މިމައްސަލައާ ގުޅިގެން އޭސީސީން ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން އަމަލުކުރަމުންއައި އުސޫލާއި ހިލާފަށް އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސައިން އަހަދުއާ މުހައްމަދު ސަރާހު ސޮއިކޮށްފައިވުމުން ބިންތައް ދޫކުރުމުގައި އެދެ ފަރާތުގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް އެނގޭ ކަމަށެވެ.