މާލޭގައި އިތުރު މާރާމާރިތަކެއް ހިންގުމަށް ރާވަމަންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު ޖެހުމަށް ކުރިއަށްގެންދިޔަ އަޑުއެހުމުގެ ތެރެއިންނެވެ.
އެގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ސިރުހާން އަލީގެ ބަންދު އަޑުއެހުން އިއްޔެ ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެ އަޑުއެހުމުގައި ކޯޓުގައި ވާހަކަ ދައްކަމުން ފުލުހުން ބުނެފައިވަނީ މި މަރުގެ މައްސަލަ ހިމެނޭގޮތުން އަދި އެކިއެކި ސިލްސިލާ މާރާމާރިތަކާ ގުޅިގެން، އަދިވެސް މާރާމާރީ ހިންގުމަށް ރާވަމުންދާ ކަމަށެވެ.
މި މާރާމާރިތަކާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ. މިފަހުން ހިނގާދިޔަ މާރާމާރިތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުންވެސް ގެންގޮސްފައިވެއެވެ.
މާލޭގައި ގްރޫޕުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން އެކި ސަރަހައްދުތަކުގައި އަންނަނީ ފޯރިމަރަމުންނެވެ.