Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބީއެމްއެލްއަށް ފާޑުކިޔަނީ ސަރުކާރު އިނދަ ޖައްސާލަން

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ފާޑުކިޔާ ވާހަކަދައްކަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސައިބާ ކްރައިމާ ގުޅިގެން ހުށަހަޅާފައިވާ އިސްލާހަކީ މިވަގުތަށް މުހިންމު އިސްލާހެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިދިކޮޅަށް ވާހަކަ ދައްކަވާ ފަރާތްތަކަށް ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެއްކޭނެކަމަށެވެ. އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި، ހުށަހެޅޭ ކޮންމެ ކަމެއްގައި މަޖިލީހުގެ ތަޅުން ނަހަމަގޮތުގައި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޭންކު ސުންނާފަތި ކުރުމަށް ކުރާ މަސައްކަތާމެދު ކަންބޮޑުވާ ކަމަށެވެ. އެކަމަކީ ރާއްޖޭގެ އިގްތިސޯދު މުޅިން ފުނޑު ފުނޑު ވެގެން ހިނގައިދާނެފަދަ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ހުރީ އެންމެ ބޭންކެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެ މިހާހިސާބަށް ތަރައްގީވެ ކުރިއެރުމުގައި ބީއެމްއެލްގެ ހިދުމަތްތައް ވަރަށްވެސް ބޮޑު ކަމަށާއި އަދި ދައުރުވެސް ބޮޑުކަމަށެވެ.

"މިއަދު ސިޔާސީ ހަސަދަވެރިކަމާ ސަރުކާރު އިނދަޖައްސާލުމަށް ހިންގޭ ކެމްޕޭނުގައި އެންމެ ބޮޑަށް އަމާޒުކުރެވިފައި ހުރީ އެންމެ ބޮޑަށް ރާއްޖޭގެ އިގްތިސޯދު ބަނގުރޫޓު ކޮށްލުމާ ބޭންކް އޮފް މޯލްޑިވްސް ސުންނާފަތި ކޮށްލުން." ޝަރީފް ވިދާޅުވިއެވެ.

ސައިބާ ކްރައިމާ ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް މި ވާހަކަތައް ދެއްކެވިއިރު، މިފަހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލައިގައި ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله އެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.