Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އައްޑޫ އެއާޕޯޓް ޕްރައިވަޓައިޒް ގަރާރު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުއެވެ. މި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 18 މެންބަރުންނެވެ. އަދި މި ގަރާރު ބަލައިގަތުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދީފައިވެއެވެ.

ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް އެދި ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މިއީ ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑު އެއާޕޯޓާއި އައްޑު ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކޮށް، އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުންނަށް އަދި ސަރުކާރުން ގެންނަވަން ތަސައްވަރު ކުރައްވާ ތަރައްގީ ގެނެސްދިނުމަށްއެދި ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގަނައުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.

މި ގަރާރަށް ވާހަކަ ދައްކަވަމުން އަހުމަދު ރަޝީދު ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވަނީ އައްޑޫ އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް ހުރިހާ ސަރުކާރުތަކުންވެސް ބުނާ ކަމަށާއި އެހެންނަމަވެސް އަދިވެސް އެކަން ނުވާކަމަށެވެ. މިސަރުކާރުވެސް ނިމުމަކަށް ދާއިރު އަދިވެސް އައްޑޫ އެއާޕޯޓްގައި އެއްވެސް މަސައްކަތެއް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ގަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ހިންގިފަހުން ގަން އެއާޕޯޓް ތަރައްޤީ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާއި އެކު ސޮއިކޮށްފައިވެއެވެ.