އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ރޭ އިދިކޮޅުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އޭގެތެރެއިން އެއްބައިމީހުން ރޭ ދޫކޮށްލިއިރު ދެންތިބި މީހުން ދޫކޮށްލާފައިވަނީ މިއަދުއެވެ. ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފްވެސް ހިމެނެއެވެ.
އިދިކޮޅު މުޒާހަރާގެ ބައިވެރިން މާލޭގެ އެކި މަގުތަކުގައި އަޑުއުފުލާއިރު، ގޮވާލަމުން އަންނަނީ ރައީސް ޔާމީން ދޫކޮށްލުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށެވެ.
ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ނެގިކަމަށް އަދި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.