Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

އިނގުރައިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބީއެމްއެލް އިން ރ. އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމްކޮށްފައިވާ ދެ ބްރާންޗާއި އަލިފުށި، ދުވާފަރު އަދި އިނގުރައިދޫ ގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ބޭންކުން އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ރ.އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދަނީ އޭޖެންޓް ބޭންކިންގ ހިދުމަތްދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 85 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.