ކަރީނާ ކަޕޫރުގެ ފިރިމީހާ ސައިފް އަލީ ހާންގެ ކުރީގެ އަންހެނުން އަދި ބަތަލާ އަމްރިތާ ސިންގް "2 ސްޓޭޓްސް" ގައި އަރުޖުން ކަޕޫރެ މަންމަގެ ރޯލް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކަރަން ޖޯހަރު އާއި ސާޖިދް ނަދައަދްވާލާ ގުޅިގެން އުފައްދާ "2 ސްޓޭޓްސް" އަކީ އިންޑިއާގެ މަޝްހޫރު ވާހަކަ ލިިޔުންްތެރިޔާ ޗޭތަން ބަގަތު ހަމަ އެ ނަމުގައި ގެނެސް ދީފައިވާ ވާހަކައިގެ އަސްލަށް އުފައްދާ ފިލްމެކެވެ.
މީގެ ކުރިން ވެސް ޗޭތަންގެ ވާހަކަތަކަށް ފިލްމް ހަދާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށް ލެވެނީ އޭނާގެ "ފައިވް ޕޮއިންޓް ސަމްވަން"ގެ އަސްލަށް ހެދި "3 އިޑިއަޓްސް" އާއި "3 މިސްޓޭކްސް އޮފް މައި ލައިފް"ގެ އަސްލަށް މި އަހަރު ގެނެސް ދޭން ހަމަޖެހިފައިވާ "ކައި ޕޯޗޭ" އެވެ.
ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ބޭތާބް"، "ނާމް" އަދި "ބަޓްވާރާ" ފަދަ ފިލްމްތަކުން ފެނިފައިވާ އަމްރިތާ، 54، "2 ސްޓޭޓްސް" ގައި އަރުޖުންގެ މަންމަގެ ރޯލް ކުޅޭ އިރު މީގެ ކުރިން ވެސް އޭނާ ވަނީ މަންމަގެ ރޯލް ކުޅެފަ އެވެ.
އޭގެ ތެރޭގައި ސަންޖޭ ގްޕްތާގެ " ޝޫޓް އައުޓް އެޓް ލޯކަންދްވާލާ" އަމްރިތާ ވަނީ ވިވެކް އޮބެރޯއީގެ މަންމަގެ ރޯލާއި "ދަސް ކަހާނިޔާ" ގައި މިނިޝާ ލާމްބާގެ މަންމަގެ ރޯލް ވެސް އަދާކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެސް ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒްވި އާމިރް ހާންގެ "ތަލާޝް" އިންނެވެ.
އަބީޝެކް ވަރްމަން ޑައިރެކްޓް ކުރާ "2 ސްޓޭޓްސް" ގައި ލީޑް ރޯލް ކުޅެނީ އަރްޖުންގެ އިތުރުން ކަރަންގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ތައާރަފްވި އާލިއާ ބަޓް އެވެ. މި ފިލްމްގެ މަސައްކަތް ފެބްރުއަރީ ނުވަތަ މާޗްގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.