ސާރާ އަލީ ޚާން ތަފާތު ރޯލަކުން ފެންނާނެ "ގޭސްލައިޓް" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
މި މަހުގެ 31 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައި މި މިސްޓްރީ ތުރިލާގެ ޓްރެއިލާ އިން ފެންނަ ގޮތުގައި ސާރާ ކުޅެފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ނުކުޅެދޭ މީހެއްގެ ކެރެކްޓާ އެވެ. އެކަމަކު މިއީ ސިއްރުން ފުރިގެންވާ ކެރެކްޓާއެކެވެ.
ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ "ގޭސްލައިޓް" އަކީ ސިއްރު މަރެއްގެ ހަގީގަތް ތިލަކުރަން ކުރާ މަސައްކަތްތަކެއްގެ ތެރޭގައި ދިމާވާ ޝައުގުވެރި ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. މީގެ ކާސްޓްގައި ވިކްރާންތު މަސީ، ޗިތުރަންގަދާ ސިންގް އަދި އަކްޝޭ އޮބެރޯއީ ފަދަ ތަރިން ހިމެނެ އެވެ.
ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "އަތުރަންގީ ރޭ" އިންނެވެ.