Last Updated: March 28, 14:17
Thursday, March 28, 2024
ދުނިޔެ

ބާލީގައި ޓޫރިސްޓުންނަށް ސައިކަލް މަނާ ކުރަނީ

ބާލީގައި ޓޫރިސްޓުންތަކެއް ސައިކަލް ދުއްވަނީ.

އިންޑޮނީޝިއާގެ ބާލީ އަށް ޗުއްޓީ އަށް ދާ ޓޫރިސްޓުން ސައިކަލްތަކުގައި ޓްރެފިކް ގަވައިދުތަކާ ހިލާފުވެ، އާންމުންނަށް އުނދަގޫ ވެސް ގޮތަށް އުޅޭތީ ޓޫރިސްޓުންނަށް ސައިކަލް ދުއްވަން މަނާކުރަން ހުށަހަޅައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ބާލީގެ ގަވަރުނަރު އައި ވަޔަން ކޮސްޓާ ވިދާޅުވީ ލައިސަންސް ނެތި ސައިކަލް ދުއްވުމުގެ އިތުރަށް ބައެއް ޓޫރިސްޓުން ނިވާކަން ކުޑަކޮށް ތިބެގެން ސައިކަލް ދުއްވުމާއި ހެލްމެޓް ނާޅައި ދުއްވުން ފަދަ އެތައް މައްސަލައެއް ކުރިމަތިވަމުންދާ ކަމަށެވެ.

"އެކަން އެގޮތަށް ކުރެވިގެން ނުވާނެ،" ގަވަރުނަރު ވިދާޅުވި އެވެ. "ޓޫރިސްޓުން އުޅެން ވާނީ ޓޫރިސްޓުންގެ ގޮތުގައި. ޗުއްޓީ އަށް އައިސް މި ތަނުގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނެ."

އެހެންވެ ބާލީ އަށް ދާ ޓޫރިސްޓުން ސައިކަލް ދުއްވުން މަނާކޮށް، ރަށުތެރޭގައި ޓޫރިސްޓުންނަށް ޓްރެވެލް އޭޖެންޓުން ހަމަޖައްސައިދޭ ކާރުތަކުގައި އުޅެވޭ ގޮތަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން ކޮވިޑަށް ފަހު، ޓޫރިޒަމް އަދިވެސް ރަނގަޅަށް ހަމައަކަށް ނޭޅޭތީ ޓޫރިސްޓުންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީ އޭގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ފުލުހުންގެ ތަފާސްހިސާތަކުން ވެސް ދައްކާ ގޮތުގައި ބާލީ އަށް ދާ ޓޫރިސްޓުން ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން މި މަހުގެ މިހާތަނަށް ވެސް އެފަދަ 171 މައްސަލައެއް އެބައޮތް ކަމަށް ފުލުހުން ބުންޏެވެ.

ބާލީން ހުށަހެޅި ހުށަހެޅުން ގާނޫނެއްގެ ތެރެއިން މި އަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާލީ އަކީ ދުނިޔޭގެ ޓޫރިޒަމްގައި ވަރަށް ފާހަގަކޮށްލެވޭ މަންޒިލެކެވެ.