Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އުފަން ދުވަހު ހުޅުވައި ދިނީ ޕޮލިސް ސްޓޭޝަނެއް

ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 49 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަކުރުމުގެ ގޮތުން އޭނަ އަށް މުމްބާއީގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައި ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދިނުމުގެ ފުރުސަތު ދީފި އެވެ.

ޖުހޫގައި ހުޅުވި އެ ޕޮލިސް ސްޓޭޝަން ހުޅުވި ރަސްމިއްޔާތުގައި މުމްބާއީގެ ފުލުހުންގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ރޯހިތު ބުނީ އަލަށް ބޮޑެތި މަރާމާތުތަކަކަށް ފަހު ޖުހޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދޭން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެ ޕޮލިސް ސްޓޭޝަންގެ ސަބަބުން މުމްބާއީގެ ރައްޔިތުންނަށް އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށް ބުންޏެވެ.

ރޯހިތަކީ އަބަދު ބެސް ފުލުހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ މީހެކެވެ. އަދި އޭނަ އަކީ ފުލުސް ކެރެކްޓާތަކަށް ހާއްސަކޮށްގެން ފިލްމުތަކެއް ވެސް ހަދަމުން އަންނަ ޑައިރެކްޓަރެވެ. އެގޮތުން ރޯހިތުގެ "ކޮޕް ޔުނިވާސް" އަކީ ކޮރަޕްޝަނާއި ތަފާތު އެކިއެކި ޖަރީމާތައް ހިންގާ ބޮޑެތި ކުށްވެރިން ހަމަބިމަށް ތިރިކުރަން ހިތްވަރު ގަދަ ފުލުހުން މަސައްކަތް ދައްކުވައިދޭ އެއްޗެކެވެ.

އޭގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސިންގަމް" ފްރެންޗައިޒާއި ރަންވީރު ސިންގްގެ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" ހިމެނެ އެވެ. ރޯހިތު މިހާރު އަންނަނީ "ސިންގަމް" ގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.

މީގެ އިތުރުން "އިންޑިއަން ޕޮލިސް ފޯސް" ގެ ނަމުގައި އޭނަ ހަދާ ވެބް ސީރީޒެއް ވަރަށް އަވަހަށް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވެސް އަންނާނެ އެވެ.

ރޯހިތަކީ ކޮވިޑްގެ ތެރޭގައި ފުލުހުންނަށް އެކި ގޮތްގޮތުން އެހީ ވެސް ވެފައިވާ ޑައިރެކްޓަރެކެވެ. އެގޮތުން ފުލުހުންނަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ކޮވިޑްގެ ތެރޭގައި މާލީ ދަތިކަން ކުރިމަތިވި ބައެެއް ފުލުހުންނަށް އޭނަ ފައިސާގެ އެހީ ވެސް ދީފައިވެ އެވެ.