މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިނާމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ މާދަމާ މެންދުރު ފަހު 3:00 އެވެ.
އިނާމަށް އެދި ހުށަހަޅާ ފޯމު ފޮނުއްވަން ޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީ އަށް އެޑްރެސްކޮށް، ރައީސް އޮފީހަށެވެ. އިނާމަށް އެދި ފޯމުހުށަހަޅާ އިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިނާމާ ބެހޭ ކޮމިޓީން ހަނދާންކޮށް ދީފައިވެ އެވެ.
ގައުމީ އިނާމު މި އަހަރު މައިގަނޑު 36 ދާއިރާއަކުން ދޭނެ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ މީހުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ. އަދި ކުންފުނި، ޖަމިޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން އިނާމަށް ހުށަހަޅާނީ އެކަމަށް ހާއްސަ ފޯމުގަ އެވެ.