Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

"އެމްޑީޕީއަކީ ކޮރަޕްޝަންގެ ހާއްޔެއް"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް - ފޮޓޯ: މަޖިލިސް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަކީ ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާ ގުޅޭ މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް އެމްޑީޕީއަކީ ކޮރަޕްޝަން ނެތްބައެއްކަމަށް މިހާރު ނުބުނެވޭނެ ކަމަށެވެ.

"އެމްޑީޕީއަކީ ކޮރަޕްޝަންގެ ހާއްޔެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ މިސަރުކާރަށް ވެންޓިލޭޓަރުގެ މައްސަލަ ނުބެލުނުކަން ފާހަގަކުރައްވާފައެވެ. އަދި ވެރިކަމަށް އައީ އެމްއެމްޕީއާރްސީގެ ވާހަކަ ދައްކައިގެން ކަމަށާއި އެކަންވެސް ނުބެލުނު ކަމަށް ވިދާޅުވިއެވެ. އާދަމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި މިސަރުކާރުން ކޯލިޝަން ހިފަހެއްޓުމުގެ ބޭނުމުގައި ވަނީ ސަރުކާރު ކުންފުނިތަކުގެ ފައިސާ އެ ފަރާތްތަކަށް ބަހާފައެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ސަރުކާރު ކޮރަޕްޝަންގެ ތެރެއަށް ވައްޓާލީ މަޖިލީހުގެ ބައެއް މެންބަރުންނާ އެމްޑީޕީގެ ބައެއް ބޮޑުން ވެގެން ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އާއި ވެންޓިލޭޓަރުގެ މައްސަލަ ނުބަލާތިބެ، އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ މެންބަރުން މަޖިލީހުގައި ކޮރަޕްޝަންގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރު އޮތް ހަމައެކަނި ގޮތަކީ ވެރިކަން ބަދަލުކުރުން ކަމަށާއި ކޮރަޕްޝަން މަދުކުރަން ބޭނުންނަމަ އެކަން ކުރެވެން އޮތްތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީން ދެން ވެރިކަމަށް އަންނަން ކޮރަޕްޝަންގެ ވާހަކަ ވިއްކައިގެން ލިބޭނެ ވޯޓެއް ވެސް ނޯންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސޭ ކިޔާފަ ވާހަކަ ދެއްކި ބަޔަކު، މިއަށްވުރެއް ބޮޑަށް ކޮރަޕްޝަން މުޅި ރާއްޖޭގަ އާންމު ކުރި ބަޔަކު، މިރާއްޖޭގަ ނުތިބޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަމަށް އަންނަ ބަޔަކަށް ރަނގަޅަށް ވެރިކަންވެސް ކުރެވެން އޮތީ ކޮރަޕްޝަން މަދުކޮށްގެން ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި މިސަރުކާރުން ޒީރޯ ޓޮލަރެންސްގެ ގޮތުގައި ގެންގުޅުނު ސިޔާސަތު ފެއިލްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.