Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އިންތިހާބު ކާމިޔާބު ކުރާނީ 51.2 ޕަސެންޓުން

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީ ކޯލިޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނީ 51.2 ޕަސެންޓަށް ވުރެ މަތިން ކަމަށް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދައި ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ރޭ ނިންމާފައި ވަނިކޮށް ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ދެވަނަ ދައުރަކަށް ހޮވަން ކޯލިޝަނުން ވަރަށް ހިތްވަރާ އެކީ މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ ކަމަށެވެ.

އެމްޑީޕީއާ އެކީ އަދާލަތުގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) ގެ އެމްޑީއޭ އިން ވެސް އޮތީ ކޯލިޝަން ހަދަން ނިންމައިފަ އެވެ. ނަމަވެސް މިހާރުގެ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމުން އަދިވެސް އޮތީ އަލުން ކޯލިޝަން ހެދުމާ މެދު ގޮތެއް ނުނިންމަ އެވެ.

"ސެޕްޓެމްބަރު 9 ގައި ނަގާ ވޯޓުން ރައީސް ސޯލިހު 51.2 އަށް ވުރެ މަތިން ކާމިޔާބު ކުރާނެ." އިމްރާން ވިދާޅުވި އެވެ.

ޖޭޕީން އިންތިހާބަށް ނުކުންނަން ނިންމުމާ ގުޅިގެން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާ ދެކޮޅަށް ހުންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަކުން މިހާރު ވަނީ ޖޭޕީއާ އެކީ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އެއް ހަދަން ނިންމައިފަ އެވެ.