ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ތިބެގެން ސިޔާސަތުތައް ތަންފީޒެއް ނުކުރެވޭނެ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ފަރާތުން މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ގޮވައިގެން ސަރުކާރު ހިންގަން ވަރަށް ދަތި ވާނެ ކަމަށެވެ.
"ރައީސާ ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ދެމިތިބެގެން ސަރުކާރު ހިންގާނެ ގޮތަކީ ކޮބައިތޯ؟" އޭނާ ވިދާޅުވި އެވެ.
Sarukaareh heyo gothuga hingeynee eh amaazakah RJ ge siyaasathu thanfeezu kuraane bayaku siyaasee magaamuga thibegen. RJ dhekolhah masakkaiy kuraa bayaku govaigen sarukaaru hingan varah dhathivaane
— Ibrahim Shareef (@AdduShareef) March 15, 2023
ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ޖޭޕީގެ ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ވެސް ޖޭޕީގެ ގިނަ ބޭފުޅުންތަކެއް ސިޔާސީ އެކިއެކި މަގާމުތަކުގައި އެބަތިއްބެވި އެވެ.
RJ aa dhekolhah masakkaiy kuraane bayaku sarukaaru ge siyaasee magaamu thakuga dhemi thibegen sarukaaru hingaane gothakee kobaa?
— Ibrahim Shareef (@AdduShareef) March 15, 2023
ޖޭޕީން ރައީސް ސޯލިހަށް ތާއީދު ނުކޮށް ރިޔާސީ އިންތިހާބަށް ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީ އަށް ނިސްބަތްވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
Coalition in vaki vaanama reethi gothakee siyaasee magaamu thakuga thibi emmen isthiufaa dhinun. Sameer e dhekkevee reethi misaaleh
— Ibrahim Shareef (@AdduShareef) March 14, 2023
ނަމަވެސް ގާސިމް ރޭ ވިދާޅުވެފައި ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން މަގާމުތަކުގައި ދެމިތިއްބަވާނެ ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ދެވަނަ ދައުރަކަށް ހޮވަން، މިހާރުގެ ކޯލިޝަން ބައިވެރިންގެ ތެރެއިން އަލުން ކޯލިޝަން ހަދަން ނިންމީ އަދާލަތު ޕާޓީ އެކަންޏެވެ. ކޯލިޝަން ހެދުމާ މެދު އެމްއާރްއާރުން އޮތީ އަދި ގޮތެއް ނުނިންމަ އެވެ. އެކަމަކު އަލަށް އެމްޑީޕީއާ އެކީ އެމްޑީއޭ އިން މި ފަހަރު ވަނީ ކޯލިޝަން ހަދަން ނިންމައިފަ އެވެ.