މި އަހަރުގެ ޖޫން 2 އަށް ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އޮކްޓޯބަރަށް ފަސްކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމުގެ ވީއެފްއެކްސް އާއި އެޑިޓިން އަށް ކުރިން ޕްލޭންކުރި ވަރަށް ވުރެ ގިނަ ވަގުތު ނަގާނެތީ ޖޫން 2 ގައި "ޖަވާން" ރިލީޒްނުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ފިލްމު އޮކްޓޯބަރަށް ފަސްކުރުމަށްޓަކައި ޑައިރެކްޓަރު އެޓްލީ އާއި ޝާހްރުކް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ފިލްމު ފަސްކުރުމާ ބެހޭ ގޮތުން އޭގެ ޓީމުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޝޫޓިން މިހާރު އެއްކޮށްހެން ނިންމާފައި އޮތް "ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ވަރުގަދަ އާ ރެކޯޑްތަކެއް ވެސް ހެދި "ޕަތާން" އަށް ފަހު ރިލީޒްކުރާ ޝާހްރުކްގެ ފިލްމަކަށް ވާތީ، "ޖަވާން" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. އެހެންވެ މި ފިލްމަކީ "ޕަތާން" އަށް ދޫނުކުރާ ވަރުގެ ފިލްމަކަށް ހެދުމަށް، އޭގެ ޓީމަށް އޮތް ޕްރެޝަރު ވެސް މިހާރު ކުޑައެއް ނޫނެވެ.
އެ ސަބަބާ ހުރެ "ޖަވާން" ވަރުގަދަކޮށް، ފުރިހަމަ ކުރުމަށްޓަކައި އިތުރު ވަގުތު ބޭނުންވާތީ އޮކްޓޯބަރަށް ފިލްމު ފަސްކުރަން މަޝްވަރާކުރެވޭތީ އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. މި އެކްޝަން ތުރިލާ އަކީ ޝާހްރުކްގެ ޑަބަލް ރޯލެއް ފެންނާނެ އެއްޗެކެވެ.
"ޖަވާން" ގެ ކާސްޓްގައި ނަޔަންތަރާ، ސުނިލް ގްރޯވާ، ސާނިއާ މަލްއުތުރާ، ވިޖޭ ސެތުޕަތީ، ރިދީ ޑޮގްރާ، ޕްރިމަނީ، ޔޮގީ ބާބޫ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުގައި ދީޕިކާ ޕަދްކޯނާއި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.
"ޖަވާން" އޮކްޓޯބަރަށް ފަސްކުރާނެ ކަމަށް ބެލެވޭ އިރު، އެ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ކުޅުނު "އިމަޖެންސީ" އާއި ޓައިގާ ޝްރޮފާ ކްރިތީ ސެނަންގެ "ގަނަޕަތު: ޕާޓް 1" ހިމެނެ އެވެ.