Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ރޯދަ އިނާޔަތް ބޮޑުކުރަން ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މެންބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޯދަ އިނާޔަތް ބޮޑު ކުރަން އަދި ހުރިހާ ފަންނުތަކުގެ މީހުންނަށް ރޯދަ އިނާޔަތް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު މިމައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ލާފައިވެއެވެ.

ޝިޔާމް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ ރޯދަ މަހާ ކައިރިވެފައިވާއިރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން ރޯދަ މަހުގެ އިނާޔަތް 3000 ރުފިޔާއަށް ވުރެއް ބޮޑު ކުރުމަށާއި ރޯދަ އިނާޔަތް ދިނުމަށް މިހާރު ބުނާ ވަޒީފާއާ ބެހޭ ގާނޫނު މުރާޖާކުރުމަށް ގޮވާލާފައިވެއެވެ. އެގޮތުން ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމު ކުރުމަށް ޝިޔާމްގެ މައްސަލައިގައި ގޮވާލާފައިވެއެވެ.