Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"މިޝަން އިމްޕޮސިބަލް 8" ދެ ބަޔަކަށް

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ އަށް ވަނަ ބައި ދެ ބަޔަކަށް ގެނެސްދޭން ނިންމައި އޭގެ ފުރަތަމަ ބައިގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި އަހަރުގެ ޖުލައި 14 އަށް ތާވަލުކޮށްފައި އޮތް ފުރަތަމަ ބައިގެ ނަމަކީ "މިޝަން އިމްޕޮސިބަލް: ޑެކް ރެކޮނިން-ޕާޓް 1" އެވެ. މީގެ ދެވަނަ ބައި ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން 28 އަށެވެ. އަދި އެއީ މި ފްރެންޗައިޒްގެ ފަހު ފިލްމެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "މިޝަން އިމްޕޮސިބަލް" ގެ އަށް ވަނަ ބައި ވެސް ޑައިރެކްޓްކޮށްފައި ވަނީ އެންމެ ފަހުން ގެނެސްދިން ދެ ފިލްމު ވެސް ޑައިރެކްޓްކުރި ކްރިސްޓޯފާ މެކްއަރީ އެވެ. އެގޮތުން މި ސީރީޒްގެ 7 ވަނަ ބައި "ފޯލްއައުޓް" ރިލީޒްކުރީ 2018 ގަ އެވެ. ޖުމްލަ 178 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 791.7 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވެ އެވެ.

"މިޝަން އިމްޕޮސިބަލް" އަކީ 1996 ގައި ގެނެސްދޭން ފެށި ސްޕައި އެކްޝަން ސީޒީރެކެވެ.

މީގެ ތަރި ކްރޫޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓް ކަމަށްވާ "ޓޮޕް ގަން: މެވެރިކް" އެވެ. ޖުމްލަ 170 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 1.493 ބިލިއަން ޑޮލަރެވެ.