Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އިންތިހާބާ ގުޅޭ ނޯޓެއް ފޮނުވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އަމަލުކުރާނޭ ގޮތެއްގެ ލަފައަށް އެދި ރައީސް ޔާމީނަށް ޕީޕީއެމްގެ ލީޑާޝިޕުން ނޯޓެއް ފޮނުވިކަމަށް ބުނެ ދެކެވޭ ވާހަކަ އެ ޕާޓީން ދޮގު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް ލީޑާޝިޕުން ޔާމީނަށް ފޮނުވި ނޯޓުގައި އެދިފައިވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އަމަލުކުރާނޭ ގޮތުގެ ލަފައަކަށެވެ. މި ނޯޓު ވިދާޅުވުމަށްފަހު ޔާމީން އެ ނޯޓު ވީދާލާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

މިވާހަކަ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާއިރު އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "އައްޑޫލައިވް"އަށް ވިދާޅުވީ، އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ތިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. ކަނޑައެޅިގެން ދޮގެއް." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމް ލީޑާޝިޕުން ރައީސް ޔާމީން ނޫން ކެނޑިޑޭޓެއްގެ ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި ރައީސް ޔާމީން ނޫން ކެނޑިޑޭޓެއްގެ ވާހަކަ ދައްކަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

"ތިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން. އަޅުގަނޑުމެން އެއްވެސް އިރެއްގައި އެއްވެސް ބޭފުޅަކު، ރައީސް ޔާމީން ނޫން ކެނޑިޑޭޓެއްގެ ވާހަކައެއް ނުދައްކާނެ. ދައްކަން ނުވެސް ޖެހޭ." ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާއިރު އެމަނިކުފާނާ ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ރޭ ވަނީ ނިންމާފައެވެ. އަދި އެމްއެންޕީއިން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

ޕީޕީއެމުން ބުނަމުން އަންނަނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި އެމަނިކުފާނަށް އިއްވާފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި އެމަނިކުފާނު މިނިވަންކުރުމަށް އަންނަނީ ގޮވާލަމުންނެވެ.