Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ދައުރު ނިމުމުގެ ކުރިން ޖޭޕީ ބޭރުކުރާނަމަ، ރައީސް ވެސް އިސްތިއުފާ ދޭންޖެހޭނެ

ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި މަގާމުތަކުގައި ތިބި ފަރާތްތައް، ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން ބޭރުކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އިސްތިއުފާ ދޭންޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތައް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

އެވާހަކައާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، މިސަރުކާރު ގެނައުމަށް ޖޭޕީން މަސައްކަތްކުރީ ކޯލިޝަން އެއްބަސްވުމެއް އޮވެގެން ކަމަށެވެ.

"އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ދޭން ކަނޑައަޅުއްވާފައިވާ މިންވަރަށް، އަހުދުވެ ވައުދުވެފައިވާ ގޮތަށް، ކަންތައްތައް ކުރެވުނުތޯ ފުރަތަމަ އެބޭފުޅުން އަމިއްލައަށް ސުވާލު ކުރައްވަން އެބަޖެހޭ."

ޤާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުން ހަދާފައިވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކަމަށާއި، އޭގެ ކުރިން ޖޭޕީގެ ސްލޮޓްތަކުގައި ތިބި އެއްވެސް ބޭފުޅަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށެވެ. އަދި ނޮވެމްބަރު 18 ގެ ކުރިން ޖޭޕީގެ ފަރާތްތައް އިސްތިއުފާ ދޭންޖެހޭނަމަ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އިސްތިއުފާ ދޭންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ މަގާމުތައް ދީފައިވަނީ އެއްވެސް މީހެއްގެ "އަމިއްލަ ތަރިކަ މުދަލުން" ނޫން ކަމަށެވެ. އަދި އެއްބަސްވިގޮތާ އެއްގޮތަށް ބައިކުޅަބައިތައް ދެވުނުތޯ އަމިއްލައަށް ވިސްނާލުމަށްވެސް އެދިވަޑައިގަތެވެ. ޤަސިމް ވިދާޅުވީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ސަރުކާރު ސްލޮޓްތަކުގައި ތިބި ޖޭޕީގެ އެއްވެސް ބޭފުޅަކު އިސްތިއުފާ ދިނުމަށް ނުދަންނަވާނެ ކަމަށެވެ. އަދި އެމީހަކަށް ހަވާލުކުރެވިފައިވާ މަގާމުގެ މަސްއޫލިޔަތު ރަނގަޅަށް އަދާކުރާނަމަ ދައުލަތަށް ހިދުމަތް ކުރުމުގައި ވަކި ޕާޓީއެއް ތަފާތުނުކޮށް، އެމީހަކު އެކަމެއްގައި ދެމިހުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކޯލިޝަން އެއްބަސްވުމުގެ ދަށުން ޕާޓީތަކަށް ލިބޭކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީއެއް ހެދުމުގެ ބޭނުމަކީ ވާދަވެރިކޮށް އިންތިހާބުތަކުގައި ވާދަކުރުން ކަމަށައި ރައްޔިތުންނަށް ރަނގަޅު ގޮތަކީވެސް އެއީ ކަމަށެވެ.