Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ކަންބަޅި ކަތިލާ އުސޫލުން، ޖޭޕީގެ ބޭފުޅުން ވަކިކުރުމުގެ ކުރިން އިސްތިއުފާދީ

މެންބަރު މުހައްމަދު ރާއީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިބި ފަރާތްތަކުގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދިނުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޯވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ މިއަދުން މިއަދަށް ސަރުކާރުގެ ސްލޮޓްތަކުގައި ތިބި ޖޭޕީގެ ފަރާތްތައް އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތައް އިސްތިއުފާ ނުދީފިނަމަ ސަރުކާރުގެ ތެރެއިން އެކަން ކުރުވާނެ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ސަރުކާރުން ބޮޑު އިންސައްތައެއްދީ އަދި އެ ޕާޓީގެ ސްލޮޓްތަކުގައި ތިބި ފަރާތްތަކާ ދިމާލަށް އެއްޗެކޭ ނުބުނެ ތިއްބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޯކާ ދިނުމަށްފަހު ޖެޕީއަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

"ޖޭޕީގެ ސްލޮޓްތަކުގައި ތިބި ބޭފުޅުން، އަޅުގަނޑުމެން އެ މީހުން މިތަނަށް ގެނެސް ނޯ ކޮންފިޑެންސް ނަގާ ވަކިކުރުމުގެ ކުރިން، އިސްތިއުފާ ދެއްވާށޭ." ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ސަރުކާރުގެ އެެތެރޭގައި ތިބެ "ފަނިފަކުސާ އަޅުވައިގެން" ބަލިކުރިޔަ ނުދޭނެ ކަމަށެވެ. ޖޭޕީގެ ބޭފުޅުން އިހުލާސްތެރިކަމަށް ގަބޫލުނުކުރާނެ ކަމަށް ރާއީ ވިދާޅުވިއެވެ.

"އެހެންވީމާ ވަރަށް ލަދުހަޔާތް ކުޑަކޮށް މިތަނަށް ގެނެސްފަ ފަހަރަކު މީހަކު، ކަންބަޅި ކަތިލާ އުސޫލުން، އެ އުސޫލުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ." ރާއީ ވިދާޅުވިއެވެ.

ރާއީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްވެސް މިއަދު ވަނީ ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި މަގާމުތަކުގައި ތިބި ފަރާތްތައް، ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން ބޭރުކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ. ޤާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުން ހަދާފައިވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކަމަށާއި، އޭގެ ކުރިން ޖޭޕީގެ ސްލޮޓްތަކުގައި ތިބި އެއްވެސް ބޭފުޅަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށެވެ.