ސަރުކާރުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދާން އުނދަގޫވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ކައުންސިލުން ރޭ ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރުވުމަށް ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ކޯލިޝަން އެކުލަވާލަން ރައީސް ސޯލިހް ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވާ ކަމަށެވެ. އެއަށް ޖުމްހޫރީ ޕާޓީއިން އަދި ޖަވާބެއް ދީފައިނުވާ ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސްއާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން މިހާރު ނިންމާފައިވާ ކަމަށެވެ.
"ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ."
މިއުވާން ވިދާޅުވީ އެފަދަ ހާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ސޯލިހް ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ޤާސިމް އިބްރާހިމްއާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު އެޕާޓީން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމާފައެވެ.