Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވައިފި

ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރި އެއާޕޯޓު ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.

ފަރެސްމާތޮޑާގައި ބޭއްވި ހަފްލާއެއްގައި މި އެއާޕޯޓު ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއާޕޯޓު ހުޅުވުމާއެކު ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން މިދިޔަ ހޯމަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ. އެ ދަތުރުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގދ. އަތޮޅުގައި ތަރައްގީކުރި ތިން ވަނަ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެ އެއާޕޯޓު ރަސްމީކޮށް މިރޭ ހުޅުވާފައިވާއިރު މޯލްޑިވިއަނުން މިހާރު ވަނީ މި މަހުގެ 16 އާއި 19 އަށް ހާއްސަ ޕްރޮމޯޝަނަލް ފެއާއަކަށް ވެސް ހުޅުފައިވަ އެވެ. އޭގެ ދަށުން އެއްކޮޅު ޓިކެޓެއް 1،574ރ. އަށް ވިއްކާ އިރު، ރިޓާން ޓިކެޓެއްގެ އަގަކީ 3،148ރ. އެވެ.

ތަފާތު ޑިޒައިނަކަށް ޓާމިނަލް ހަދާފައިވާ ފަރެސްމާތޮޑާ އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭގެ އެއާޕޯޓެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.