މި އަހަރުގެ ތެރޭގައި އިތުރު ހަތަރު އެއާޕޯޓެއްގެ ހެދުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހ ވިދާޅުވެއްޖެ އެވެ.
ގދ.ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އިތުރު ތިން އެއާޕޯޓެއް ނިމި، އިތުރު ހަތަރު އެއާޕޯޓެއގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދެކުނުގައި ދެ އެއާޕޯޓަކާއި އަދި އުތުރުގައި ވެސް ދެ އެއާޕޯޓްގެ ޢަމަލީ މިހާރު ވެސް ކުރިއަށް އެބަދެ އެވެ. އަދި ރ. އަލިފުއްޓާއި ފ. މަގޫދު އާއި އަދި މ. މުލީގެ އެއާޕޯޓްގެ މަސައްކަތް ނިންމާ މި އަހަރު ހިދުމަތް ދޭން ފެށޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
މި ތިން އެއާޕޯޓް ވެސް ހަދަނި ފަރެސްމާތޮޑާ އެއާޕޯޓް ވެސް ހެދީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
"މަކުނުދު އާއި ތުޅާދު އާއު ވިލުފުށި އަދި ބިލެއްފަހީގެ އެއާޕޯޓްގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނަކަމުގެ އުއްމީދު ބޮޑު. މިހާރު ކުރިއަށް ދަނީ ބީލަމުގެ ފަހު މަރަހަލާ،" ރައީސް ވިދާޅުވި އެވެ. "އަދި ރ. އަތޮޅު ދެކުނު ބިތު [އަލިފުށީ] ގައި އަޅާ އެއާޕޯޓްގެ ފުރަތަމަ މަރުޚަލާގެ މަސައްކަތް ވެސް ދަނީ ކުރިއަށް."
ރައީސް ވިދާޅުވީ އެއާޕޯޓްތަައް ތަރައްގީގެ މަޝްރޫއުތައް ހަގީގަތަކަށް ވެގެންދާ އިރު، "ގަތާ ލާމެހިގެންދާނެ" ވައިގެ ވިއުގައެއް ރާއްޖޭގައި ގާއިމުވާނެ އެވެ. މިއާ އެކީ އިގުތިސާދީ ގޮތުން އެތައް ފުރުސަތެއް ފަހިވެ، އެތައް ކުރިއެރުމަކާއި ފާގަތިކަމެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.