އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިކޮށްފައި އޮތުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް ކުރިއަށް އޮތް ފުރުސަތު ހަނިކޮށްފައިވާއިރު އެކަމާ ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ އަދި ޖާނަލިސްޓްސް އެސޯސިއޭޝަނުން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ފަދަ ބޮޑު މުހިންމު އިންތިހާބެއް ބޯމަތިވެފައިވަނިކޮށް މިފަދަ އިސްލާހެއް ގެނައުމަކީ، އިންތިހާބު ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއް ކަމަށެވެ.
"މިއިސްލާހުތައް ފާސްވެއްޖެ ނަމަ މިއަހަރުގެ ރިޔާސީ އިންތިހާބާއި ދެންވެސް ހުރި އިންތިހާބުތައް ކަވަރުކުރުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރުގެ މީޑިއާ އައުޓްލެޓްތަކާއި ނޫސްވެރިންނަށް އެ ފުރުސަތު ގެއްލޭނެއެވެ. އަދި މީގެ އިތުރަށް ރާއްޖޭގައި ހަރަކާތްތެރިވާ ފްރީލޭންސް ނޫސްވެރިންނަށްވެސް އެ ފުރުސަތު ގެއްލިގެން ދާނެއެވެ." ޓްރާންސްޕޭރެންސީ އަދި ޖާނަލިސްޓްސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.
ޓްރާންސްޕޭރެންސީ އަދި ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ އިންތިހާބުތައް ކަވަރުކުރުމުގައި ވީހާވެސް ބޮޑަކަށް މީޑިއާގެ ބައިވެރިވުމާއި ނޫސްވެރިންނާއި ރިޕޯޓަރުންނަށް އާންމު އިންތިހާބުތައް މޮނީޓާކުރުމުގެ ފުރުސަތު ފަހިވާނޭ ގޮތްތައް ކަށަވަރުކުރަން ގޮވާލާފައެވެ.
މީގެއިތުރުން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނުސްވެރިންގެ ދައުރު ހަނިކުރާގޮތް އޮތް އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ މިނިވަންކަމާއި ރައްކާތެރިކަމާއެކު ނޫސްވެރިންނަށް ރިޔާސީ އިންތިހާބު ރިޕޯޓްކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.